ޒިނޭއާއި ފާހިޝް ޢަމަލުތަކުން ދުރުވުމަށް ނަމާދު ގާއިމުކުރުންމަތީ ދެމިތިބޭ: ޚުތުބާ

1 week ago

ހަންނާން

ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށް ޓަކައި ނަމާދު ގާއިމުކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.


"ޒިނޭކުރުމާއި ފާޙިޝް އަމަލުތަކުގެ ނުބައިކަން" މި މައުޟޫއަށް އިއްވި ޚުތުބާގައި ބުނީ ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށް ނަމާދު ގާއިމުކުރުންމަތީ ދެމިތިބުމަަކީ ކޮންމެހެން ވެސް މުހިންމުކަމެއް ކަމަށެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނިކުރުމާއި ކައިވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަކީ ވެސް ފާހިޝް ޢަމަލުތަކުން ރައްކާތެރިވުމަށް ކުރުން މުހިންމު ކަންތައް ކަމުގައި ވަނީ ބުނެފައެވެ.


މީގެއިތުރުން ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ، ވަގުތުފާއިތު ވުމުގެ ކުރީން ތައުބާވުމަކީ ވެސް މުހިންމުކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.


އިސްލާމްދީނަކީ އިއްފަތްތެރިކަމާއި ތާހިރުކަމުގެ ދީން ކަމަށާއި މާތް ﷲ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚުލާގީ ޢަމަލުތަކާއި ފާހިޝް ޢަމަލުތައް ހަރާމްކުރައްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެންމެ ނުރައްކާތެރި ފާހިޝް ޢަމަލަކީ ޒިނޭ ކަމަށެވެ. އަދި ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއްކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.


ހުތުބާގައި ބުނީ ފާހިޝު ޢަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތައުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށާއި ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެންނެވެ. އަދި އެ މީހުންގެ އަތުގައި، ޝައިޠާނާ ހިފުން މަނާކޮށްގެން ކަމުގައެވެ.


ކީރިތި ރަސޫލާގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެއް ކަމަށާއި ޒިނޭއާއި ފާހިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށްކަން ހަނދުމަކޮށްދީ ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ ﷲ ގަބޫލު ކުރައްވަވާ ކަމަށް ބުނެފައި ވެއެވެ. އަދި ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެކަމުން ދުރުވެގެންފި މީހާއަށް ގިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާކަން ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.


އެހެންކަމުން ފާހިޝް ޢަމަލުތަކަށް އަރައިގަނެ، ނުބައިކަން ބޮޑު ޢަމަލުތައް ކުރުމުން އަހަރެމެން އެންމެ ދުރުހެލިވުމަށް އަޒުމް ކަނޑައަޅަމާތޯއެވެ.


ކިޔުންތެރިންގެ ހިޔާލު