ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

1 week ago

އަފްރާހް

މައުލޫމާތުދިނުމުގެ ހަރަކާތެއް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.


މާލެ، މާރުކޭޓު ސަރަހައްދާއި ނޯތު ހާބަރުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ތަފާތުއެކި ކަހަލަ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުވުމާއި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.


މި ހަރަކާތުގައި މާރުކޭޓު ގޮޅިތަކާއި އެ ސަރަހައްދުގެ ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ވިޔަފާރިކުރަންދާ މީހުން އަދި އެ ސަރަހައްދު ބޭނުންކުރާ މީހުންނާއި އޮޑިދޯނިފަހަރުގެ މީހުންނާ ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް ވަނީ މައުލޫމާތުދީފައެވެ.


އެގޮތުން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި ކޭޝްކާޑާއި އޯޓީޕީ ފަދަ މުހިންމު އެއްވެސް މައުލޫމާތެއް ގޮތް ނޭނގޭ އެއްވެސް މީހަކާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.


މީގެއިތުރުން އޮޑިދޯނިފަހަރާއި ފިހާރަތައް އަދި މާރުކޭޓު ގޮޅިތަކުން ވައްކަންކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ވިޔަފާރި ބަންދުކޮށްފައި ދާއިރު މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީފައިވެއެވެ. އަދި އޮޑިދޯނިފަހަރަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މީހުން ހަވާލުކުރާ ގޮތްނޭނގޭ އެއްޗެހީގައި ނުހިފުމަށާއި ނުއަގުގައި ވިއްކާ ތަކެތި ނުގަތުމަށް ނަސޭހަތްތެރިވެފައިވެއެވެ.


ހަމަމިއާއެކު ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެ ސަރަހައްދު ބޭނުންކުރުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ އަދި އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.


ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެމެޖެންސީ ހާލަތްތަކުގައި ގުޅާނެ ނަންބަރުތަކާއި މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު