2 months ago
ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރާއްޖެއިން ވެސް ކުރައްވަން ޖެހޭ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސައިބަރ ސެކިއުރިޓީ އާއި ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭގޮތުން ބޭއްވި ސިމްޕޯސިމްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ މި ސިމްޕޯޒިއަމްގަ ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވި ކަމަށާއި އެގޮތުން ޓެކްނިލަކް ބޭފުޅުންނާއި ނޮން ޓެކްނިކަލް ބޭފުޅުން މި ހަރަކާތުގައި ބައިވެރިވި ކަމަށެވެ.
މީގެއިތުރުން ސައިބަރ ސެކިއުރިޓީގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ ސައިބަރ ސެކިއުރިޓީ ތްރެޓް ލެވެލް ހުރީ ނުހަނު ކަންބޮޑުވާ ހިސާބެއްގައި ކަމަށާއި ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރާއްޖެއިންވެސް ކުރައްވަން ޖެހޭ ކަމަށެވެ.
އެއީ އެކަމުގެ ނުރައްކާ އޮތުމުން ކަމަށާއި އެކި ނަން ނަމުގަ ކުރިއަށް އޮތްތަނުގަ މިފަދަ ސިމްޕޯޒިއަމްތައް ބާއްވާނެ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
ޑރ. ކިނާނަތު ވިދާޅުވީ އެންސީއައިޓީން އޭއައިއާ ބެހޭ ހޭލުންތެރި ޕްރޮގްރާމުތައް ހިންގުމާއި އޭއައިގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދޭނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރުގެ މަހަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާމެދު ހޭލުންތެރިކުރުވުމަށް ފާހަގަކުރާ މަހެވެ. މި މަސްތެރޭ ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މިގޮތުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލަޖީން ވަނީ ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާއި ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުވުމަށް ސިމްޕޯޒިއަމްއެއް ކުރިއަށް ގެންގޮސްފައެވެ. މިއީ އެންސީއައިޓިން މި ސިމްޕޯޒިއަމް ކުރިއަށް ގެންދިޔަ 3 ވަނަ ފަހަރެވެ.
މި ސިމްޕޯޒިއަމްގެ ފުރަތަމަ 3 ދުވަހު ވަނީ އާރޓިފިޝަލް އިންޓަލެޖެންސް އަދި ސްމާޓް ޓެކްނޮލަޖީއަށް ދޭ އަހައްމިޔަތުގެ މައްޗަށް މަޢުލޫމާތު ހިއްސާކޮށްފައެވެ.
މި އަހަރުގެ ސިމްޕޯޒިއަމް އަމާޒުކޮށްފައިވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންނާއި، އައިޓީ ޕްރޮފެޝަނަލުންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކާއި، އަދި އާންމު ރައްޔިތުންނަށެވެ.
ޖެހިޖެހިންގެ 3 އަހަރު އެންސީއައިޓީން މި ހަރަކާތް ކުރިއަށް ގެންދިޔަނަމަވެސް އަންނަ އަހަރުން ފެށިގެން ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީއަށް މި ޒިންމާ ޙަވާލުކުރުމަށް އެންސީއައިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.
އެންސީއެސްއޭ އިން ސައިބަރ ސެކިއުރިޓީގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޤައުމަށް ވަރުގަދަ އަދި މުސްތަޤްބަލަށް ފެތޭ ޑިޖިޓަލް މާޙައުލެއް އުފެއްދުމަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތްތަނުގަ އާޓިފިޝަލް އިންޓަލެޖެންސްގެ މަސައްކަތްތައް ރާވާ ހިންގުމަަށް އެންސީއައިޓިން މިހާރުވެސް ދަނީ ގިނަ މަސައްތަކެއް ކުރައްވަމުންނެވެ.