މަރްހޫމާ އައްނަބީލާ ހަދީޖާ އިބްރާހިމް ދީދީގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 week ago

އަފްރާހް

ހ. އެއްގަމުގޭ އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.


ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރާއްޖޭގެ ތައުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާގައި އެކަމަނާ މަސައްކަތްޕުޅު ކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޚާރިޖީ ގުޅުންތަކުގެ ދާއިރާގައި ވެސް ސަރުކާރަށް ހިދުމަތް ކުރައްވާފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.


ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވީ އޮކްޓޯބަރ 12 ވީ ހޮނިހިރު ދުވަހު މެންދުރުއެވެ.


އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗުގައި ފަރުވާދެމުން ގެންދަނިކޮށް އެކަމަނާ އަވަހާރަވީ އުމުރުފުޅުން 68 އަހަރުގައެވެ.


އެކަމަނާގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު، މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތު) ގައެވެ.


އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަކީ އިބްރާހީމް ފާމުލަދޭރި ކިލޭގެފާނުގެ އެންމެ ހަގު ދަރިކަނބަލުންނެވެ.


ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަނީ 1954 އިން 1957 އަށް ރާއްޖޭގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ވެއެވެ.


އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވުމުގެ ހިތާމައިގާ 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމަންޓުން ވެސް ބައިވެރިވާ ހާލު، މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވައި، އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ. 


ކިޔުންތެރިންގެ ހިޔާލު