މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރި އެއްކަމެއް ވެސް ނެތް: ރައީސް ސާލިހު

1 week ago

އަފްރާހް

ޕީއެންސީގެ ސަރުކާރުގެ ވެރިކަމަށް އެއް އަހަރުވެގެންދާ އިރު، އެންމެ ގާ ފޮއްޗެއް ވެސް ބެއިންދިފައިނުވާ ކަމަށާއި އެއްވެސް އެގްރީމެންޓެއްގައި ވެސް ސޮއިކުރެވިފައި ނުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އޮކްޓޯބަރ 12 ވީ ހޮނިހިރު ދުވަހު، ކުޅުދުއްފުށި ސިޓީގައި ފެށި އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ސާލިހު ވަނީ މި ސަރުކާރަކީ ރައްޔިތުންނަށް ހެވެއް އެދިގެން އައި ސަރުކާރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.


އެމްޑީޕީ ސަރުކާރުގައި ރަށްރަށުގައި ފެށި ތަރައްގީގެ މަޝްރޫއުތައް، މިސަރުކާރު އައިފަހުން ހުއްޓިފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދުފުޅަކީ މާލޭ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުން ކަމަށެވެ.


" ވެރިކަމަށް އެއް އަހަރުވެގެންދާ އިރު، އެކަމަށްޓަކައި އެންމެ ގާ ފޮއްޗެއް ވެސް ބެއިންދިފައިނުވޭ. އެއްވެސް އެގްރީމެންޓެއްގައި ވެސް ސޮއިކުރެވިފައި ވެސް ނުވޭ." ރައީސް ސާލިހު ވިދާޅުވިއެވެ.


މީގެއިތުރުން މި ސަރުކާރުން ކުރެއްވުނު ހަމައެކަނި ކަމަކީ އެމަނިކުފާނުގެ ދައުރުގައި ފެށި 4000 ފްލެޓްގެ ތެރެއިން ނިމިފައިވާ 700 ފްލެޓާ ހަވާލުވުމުގެ ލިއުމާ ހަވާލުވެވަޑައިގަތުން ކަމަށް ވެސް ވިދާޅުވިއެވެ.


މާލޭ ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ބޭނުންވާ ނަމަ، ކުރަންވީ ކަމަކީ އެމަނިކުފާނުގެ ސަރުކާރުން ދިން ފްލެޓްތައް ހައްގުވާ ފަރާތްތަކަށް ދިނުން ކަމަށާއި ގޯތިދިން ފަރާތްތަކަށް ގޯތި ހަވާލު ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު