ގުރްއާން އަދި މަދަހަ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދީނަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން: މޭޔަރު އާޒިމް

1 week ago

އަފްރާހް

މާލެ ސިޓީކައުންސިލްގެ ދެ ވަނަ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.


10 އޮކަޓޫބަރ 2024 ވަނަ ދުވަހުގެރޭ 8.30 އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްއެވެ.


މި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަ ވިދާޅުވީ މި ފަދަ މުބާރާތްތައް ބޭއްވުމުގެ މަގްސަދަކީ މާލެ ސިޓީ ކައުންސިލްގެ މެންޑޭޓް ތެރޭގައި މި ފަދަ މުބާރާތްތައް ބޭއްވުން ހިމެނުން ނޫން ކަމަށާއި މި ފަދަ މުބާރާތްތައް ބޭއްވުމުގެ ހަގީގީ މަގްސަދަކީ ދީނަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގައި، މާލެ ސިޓީ ކައުންސިލުން ބައިވެރިވުން ކަމަށެވެ.


އެ މަނިކުފާނުގެ ވާހަކަފުޅުގައި ޤުރުއާން ކިޔެވުމަށް ޝަައުގުވެރިވެ ޤުރުއާނަށް އަހުލުވެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. 


މިގޮތުން، ޤަދީމީ ޒަމާނުއްސުރެ ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުން ވެސް، ތަޢުލީމުގެ މައިގަނޑު މަސަދަރެއްކަމުގައި ބަލާފައިވަނީ ކީރިތި ޤުރުއާންކަން ފާހަގަ ކުރެއްވިއެވެ.


އެހެންކަމުން ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި، ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުން އާދަކާދައެއްގެ ގޮތުގައި ދެމިގެން އައިސްފައިވާ ކަމަށާއި، އެހެންކަމުން މި އާދަކާދަ ދިރުވައި އާލާކުރުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.


6 ޢުމުރުފުރާއަކަށް ބަހައިގެން ބޭއްވުނު ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގައި، 432 ދަރިވަރުން، ހިތުން ކިޔެވުމުގެ ގޮފީގައި 228 ދަރިވަރުން ބައިވެރިވެ ކިޔަވާފައި ވެއެވެ. އަދި މަދަޙަ މުބާރާތުގައި 278 ދަރިވަރުން ބައިވެރިވެ މަދަޙަ ކިޔާފައިވެއެވެ.


މޭޔަރ އާދަމް ޢާޒިމްގެ ވާހަކަ ފުޅުގައި، ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް އިނާމު ހުށަހެޅުއްވި، ދިރާގާއި ސަންފުރޮންޓަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި އަހަރު ވެސް މި ދެ މުބާރާތް އޮންނާނެ ވާހަކަ މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު