މަޖިލިސް ރައީސް ޖެނީވާ އަށް ފުރާވަޑައިގެންފި

1 week ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވިޓްޒަލެންޑުގެ ޖެނިވާއަށް ވަޑައިގެންފިއެވެ.


މިއީ އިންޓަ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


މި އޮކްޓޯބަރ މަހުގެ 13 ން 17 އަށް ކުރިއަށްދާ މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ މި ދަތުރުފުޅުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.


މަޖިލިސް ރައީސް އައިފީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވަނީ އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފީގެ ރައީސްގެ ހައިސިއްޔަތުންނެވެ. އައިޕީޔޫގެ ރާއްޖޭގެ ގޮފީގެ ރައީސާއި ނައިބު ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ހާއްސަ ދެ މަގާމެވެ.


އައިޕީޔޫގެ ރާއްޖޭގެ ގޮތްޕަށް އިތުރު މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.


އައިޕީޔޫ ރާއްޖޭގެ ގޮފީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް ޚަޒާންދާރު، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު އެވެ.


ކިޔުންތެރިންގެ ހިޔާލު