ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓްތަކަށް މިހާރު އިތުރު ފައިދާ ލިބޭނެ

1 week ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.


އެ ބޭންކުން ވިދާޅުވީ ދިވެހި ރުފިޔާ އެކައުންޓްތަކަށް 3 އިންސައްތަ ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 އިންސައްތަފައިދާ ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.


މީގެއިތުރުން މިހާރު ހުޅުވާފައިވާ އަދި އަލަށް ހުޅުވާ ކިޑްސް ސޭވަރ އެކައުންޓްތަކަށް ހާއްސަކޮށް ބޮޑެތި އިނާމުތަކާއެކު އައު ޕްރޮމޯޝަނެއް ވެސް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.


އެގޮތުން ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ އަދި ކޮންމެ އަހަރަކު ދެވޭ އިނާމެއްގެ ގޮތުގައި އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.


މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ކިޑްސް ސޭވަރ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލުގެނެސް، ރަނގަޅު އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ހިތްވަރުދިނުން ކަަމަށެވެ.


"ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމާއި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ ނުހަނު މުހިންމުކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." އޭނާ ވިދާޅުވިއެވެ.


އެ ބޭންކުން ވިދާޅުވީ މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވަރ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓަރކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ ކަމަށެވެ.


ހަމަމިއާއެކު މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި ބީއެމްއެލް އިން ވިދާޅުވިއެވެ.


އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވަރ އެކައުންޓްތަކަށްވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް ޢަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. 


ކިޔުންތެރިންގެ ހިޔާލު