ތިން ރަށެއްގެ ޑަބްލިއުޑީސީ އިންތިހާބު ޑިސެމްބަރު މަހު ބާއްވަނީ

1 week ago

އަފްރާހް

ތިން ރަށެއްގެ ޑަބްލިއުޑީސީ އިންތިހާބު ޑިސެމްބަރު މަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައި، އިއުލާން ކުރައްވައިފިއެވެ.


އީސީން ވިދާޅުވީ ހދ. ކުރިނބި، މ. ރަތްމަންދޫ އަދި ގއ. ދެއްވަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ކޮމިޝަނުން ނިންމައި، އޮކްޓޯބަރ 13 ވީ އާދީއްތަ އިއުލާންކޮށްފައިވާ ކަމަށެވެ.


މި ބައި-އިލެކްޝަންތައް ބާއްވަނީ އެ ކޮމެޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމަށް ވެސް އީސީން ވިދާޅުވިއެވެ.


އެ ކޮމިޝަނުން ވިދާޅުވީ މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 ން ހަވީރު 4 ޖަހަންދެން ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށެވެ.


މި އިންތިހާބުގެ ރަސްމީ ނަތީޖާ ޑިސެންބަރު 16 ވާ ހޯމަ ދުވަހު އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.


އިސްތިއުފާތަކާ ގުޅިގެން އިންތިޚާބު ކުރަންޖެހެނީ ކުރިނބީ އަދި ދެއްވަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް ތިން މެންބަރުންނާއި ރަތްމަންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރުންނެވެ.


މި ބައި-އިލެކްޝަންތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އޮކްޓޫބަރު 14 ވާ ހޯމަ ދުވަހުގެ ހެނދުނު 10 ން ފެށިގެން އޮކްޓޫބަރު 29 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު