ދީނީ ކަންކަން އޮޅުންފިލުވައިދިނުމަށް ފަތުވާ މަޖިީހާއި އައިޔޫއެމްގެ އެއްބަސްވުމެއް

1 week ago

އަފްރާހް

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފިއެވެ.


އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ފަތުވާ މަޖިލީހުގެ ފަރާތުން ފަހުމުނާމާގައި ސޮއި ކުރެއްވީ ފަތުމާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްއެވެ. އައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.


މިއީ ދިވެހި މުޖުތަމައަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމައުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުގެ ބޭނުމުގައި ޢިލްމީ ދިރާސާކުރުމާއި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، ޢިލްމީ މަސައްކަތްތަކެއް ކުރުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވާލެވޭ ފަހުމުނާމާ އެކެވެ.


މި ފަހުމުނާމާގެ މަގްސަދަކީ ދެ އިދާރާ ގުޅިގެން ދިވެހި މުޖުތަމައަށް ބޭނުންވާ އެކިއެކި ދީނީ، ޢިލްމީ ދިރާސާތައް ކުރުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާތަކާއި ޢިލްމީ މަސައްކަތްތައް ކުރުމެވެ.


އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ އާންމު ދާއިރާތައްތަކުގެ ތެރޭގައި ކަނޑައެޅޭ ދާއިރާތަކަކުން ޢިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި، ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ހިމާޔަތް ކުރުމަށާއި ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.


މީގެއިތުރުން ރާއްޖޭގެ މުޖުތަމައުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި ޢިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި ޢިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުމާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނަރތައް އިންތިޒާމު ކުރުމުގައި އެހީތެރިވުމާއި މުޖުތަމައުގައި ދީނީ އަދި ގައުމީ ލޯބި އުފެއްދުމުގެ މަގްސަދު ހާސިލު ކުރުމުގައި އެއްބާރުލުން ދިނުން ވެސް ހިމެނެއެވެ.


މި ފަހުމުނާމާގެ ސަބަބުން ފަތުވާ މަޖިލީހަށާއި އިސްލާމިކް ޔުނިވަރސިޓީ އަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު