ގައުމުގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށް ދަނޑުވެރިކަން ހަދަނީ

1 week ago

އަފްރާހް

ދަނޑުވެރިކަމަކީ ގައުމުގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ވިދާޅުވީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި އޮކްޓޫބަރު 16 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން ދެއްވި ހާއްސަ ހިތާބުގައެވެ.


އެގޮތުން މިދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމަށް މި ސިނާއަތަށް އަލަށް ވަންނަ ފަރާތްތަކަށް އެހީތެރިވުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، އެގޮތުން ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެދަށުން މިހާތަނަށް ޖުމްލަ 16 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިލޯނު ޕްރޮގްރާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ދިވެހި ސަރުކާރާއި އިފާޑް ގުޅިގެން ކުރިއަށްގެންދާ، އެގްރި ބިޒްނަސް ޕްރޮގްރާމު ފުޅާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން 12 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ތައްޔާރުކޮށްފައިވާއިރު، އިތުރު 5 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.


މިނިސްޓަރުގެ ހިތާބުގައި އިތުރަށް ވިދާޅުވީ އަންނަ އަހަރު ނޭޝަނަލް ޕްލާންޓު ޕްރޮޓެކްޝަން އޯގަނައިޒޭޝަން އުފެއްދުމުގެ މަސައްކަތްކުރެވެމުންދާ ކަމަށެވެ. އަދި އަންނަ އަހަރުތެރޭ އެތަނުގައި މަސައްކަތްތައް ފެށޭނެ ކަމަށެވެ.


ހަމަމިއާއެކު ދަނޑުވެރިކަމުގެ ތަހުލީލުތައް ކުރުމަށް ގާއިމުކުރާ ދަނޑުވެރިކަމުގެ ލެބޯޓްރީގެ މަސައްކަތް ވެސް އަންނަ އަހަރު ފަހުކޮޅު ނިމޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު