200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކި ކުރަނީ

1 week ago

އަފްރާހް

200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކި ކުރަން ނިންމައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން އިއުލާން ކުރައްވައިފިއެވެ.


މީސްމިޑިއާގެ މަންސައެއް ކަމުގައިވާ 'އެކްސް' ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ހަރަދު ކުޑަކުރެއްވުމުގެގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އެގޮތުން ސިޔާސީގޮތުން އައްޔަންކުރައްވާފައިވާ 228 ފަރާތެއް މަގާމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.


އެ ޕޯސްޓުގައި ވަނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަކިކުރަމުންދާނެ ކަމަށެވެ.


އޭގެތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑިޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ވެސް ވަކިކުރުމަށް ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.


ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ކޮންމެމަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.


 

ކިޔުންތެރިންގެ ހިޔާލު