ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

4 months ago

އަފްރާހް

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.


މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު ކިޔެވުން ފެށިއިރު، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކިޔަވައިދޭ ވަގުތުތައް ކުރުކުރުމަށް އަންގަވާފައެވެ.


އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މި ފެށުނު ދިރާސީ އަހަރު 96،0000 ދަރިވަރުން ތައުލީމް ހާސިލްކުރާނެއެވެ. އޭގެ ތެރޭގައި 40،300 އެއްހާ އަންހެން ދަރިވަރުންނާއި 42،700 އެއްހާ ފިރިހެން ދަރިވަރުން ހިމެނޭ ކަމަށް ވިދާޅުވެއެވެ.


މީގެއިތުރުން ސަރުކާރުގެ 217 ސްކޫލެއްގައި 83 ހާހެއްހާ ދަރިވަރުން ކިޔަވާނެ ކަމަށާއި އޭގެ ތެރެއިން 17 ހާހެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރާނީ މާލޭގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މި ފެށުނު ދިރާސީ އަހަރު މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 2،250 ދަރިވަރުން ވައްދާފައިވާއިރު، އެހެނިހެން ގްރޭޑްތަކަށް 2،081 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުން ވަނީ ހާމަވެފައެވެ. އަދި ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1،126 ދަރިވަރަކު ބަދަލުވެފައިވާ ކަމަށް ވެސް ދައްކައެވެ.


ހަމަމިއާއެކު ސަރުކާރު ސްކޫލްތަކުގައި 12،662 މުދައްރިސުން ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ހާމަކުރައްވާފައިވާއިރު، އޭގެ ތެރޭގައި 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުން ހިމެނޭ ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު