2 months ago
ބްރޯޑްކާސްޓިންގ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބާއްވާ ކުރެހުމުގެ މުބާރާތް ވިޝަންސް އޮފް ފިއުޗަރގެ ސްޕޮންސަރެއްގެ ގޮތުގައި ދަ ކްލޭ ސްޓޫޑިއޯ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއްޖެއެވެ.
ރާއްޖޭގެ މުޅިން އަލަށް ޕޮޓަރީ ކްލާސްތައް ތައާރަފު ކުރި މި ސްޓޫޑިއޯ އިން ވަނީ އާޓް މުބާރާތުން ވަނަތައް ލިބޭ ދަރިވަރުންނަށް އެ ފަރާތުން ހިންގާ ކްލާސްތައް އިނާމްގެ ގޮތުގައި ދޭން ކަނޑައަޅާފައެވެ.
ވިޝަންސް އޮފް ދަ ފިއުޗަރ އަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތެކެވެ.
މި މުބާރާތުގެ މަގްސަދަކީ ދަރިވަރުން ބްރޯޑްކާސްޓިންގ ދާއިރާއަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ރޭޑިއޯ/ޓީވީ ޗެނަލްތަކުން ފޮނުވާ ކޮންޓެންޓަށް ޝައުގުވެރިކަން އިތުރުކޮށް، ކޮންޓެންޓް އުފައްދާ މީހުންގެ ބުރަ މަސައްކަތް ކުޑަކުދިންގެ އަމިއްލަ ހިޔާލުން ސިފަ ކުރާ ގޮތް ދެނެގަތުމެވެ.
ވިޝަންސް އޮފް ދަ ފިއުޗަރ ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އާޓް މުބާރާތަށް ކުރެހުން ހުށަހެޅުމަށް ކޮމިޝަނުން ވަނީ މައިގަނޑު ޝިއާރުތަކެއް ކަނޑައަޅާފައެވެ.
މި ޝިއާރު ތަކަކީ؛
ދަ އިވޮލިއުޝަން އޮފް މީޑީއާ: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ނުވަތަ ލިބޭ މެސެޖަކަށްވާންވީ އިހުގެ ރޭޑިއޯ އިން ފެށި ބްރޯޑްކާސްޓިންގ މިއަދާ ހަމައަށް އައި އިރު ޒަމާނީ ބްރޯޑްކާސްޓިންގ ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ގޮތެވެ.
ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗަރ: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ރާއްޖޭގެ ސަގާފަތާއި، ތާރީހާއި އަދި އާދަކާދަ ދެމެހެއްޓުމުގައި ބްރޯޑްކާސްޓިންގ މީޑީއާ އަދާ ކުރާ ދައުރެވެ.
ބްރޭކިން ނިއުސް: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ބްރޯޑްކާސްޓިންގ މީޑިއާ އިން ބްރޭކިންގ ނިއުސް އާއްމުންނަށް ގެނެސްދިނުމަށް އަދާ ކުރާ މުހިއްމު ދައުރު ދައްކައިދޭންވާނެއެވެ.
ތިން އުމުރު ފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އާޓް މުބާރާތުގައި ކޮންމެ އުމުރު ފުރައަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ.
މުބާރާތް ބެހިފައިވާ އުމުރު ފުރާތަކަކީ 6 އަހަރާއި 9 އަހަރު ދެމެދުގެ އުމުރުފުރާ، 10 އަހަރާއި 13 އަހަރު ދެމެދުގެ އުމުރުފުރާ އަދި 14 އަހަރާއި 16 އަހަރު ދެމެދުގެ އުމުރުފުރާއެވެ.
ކްލޭ ސްޓޫޑިއޯ އިން ދޭން ކަނޑައަޅާފައިވާ އިނާމް ތަކަކީ؛
6 އަހަރާއި 9 އަހަރުގެ އުމުރުފުރާ އަށް
1 ވަނަ އިނާމް: މަމް އެންޑް މީ ހޭންޑް ބިލްޑިންގ ކްލާސް (އެއް ދަރިވަރު އަދި އެއް ބެލެނިވެރިޔަކަށް)
2 ވަނަ އިނާމް: އެއް ދަރިވަރަކަށް ވަރަށް ކްލޭ ސްޓޫޑިއޯ ތަޖުރިބާ
10 އަހަރާއި 13 އަހަރުގެ އުމުރުފުރާ އަށް
1 ވަނަ އިނާމް: އެއްދަރިވަރަކަށް ޖޫނިއަރ ވީލް ތްރޮވިން ކްލާސް
14 އަހަރާއި 16 އަހަރުގެ އުމުރުފުރާ އަށް
1 ވަނަ އިނާމް: އެއްދަރިވަރަކަށް ޖޫނިއަރ ވީލް ތްރޮވިން ކްލާސް
ރާއްޖެއަށް މުޅިން އައު ފަންނެއް ތައާރަފުކޮށްފައިވާ ދަ ކްލޭ ސްޓޫޑިއޯ މޯލްޑިވްސް އިން މި މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަކީ މި މުބާރަތަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ.