އަމިއްލަ މުސްތަގްބަލާއިއެކު ގައުމުގެ މުސްތަގްބަލު ބިނާކުރުމަށް މަސައްކަތްކުރަން ޖެހޭ

1 week ago

އަފްރާހް

އަމިއްލަ މުސްތަގްބަލުގެ އިތުރުން ރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭކަމަށް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ. 


އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ އެންބެސެޑަރ ބާސަރީ ޕްރޮގްރާމްގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، އެ ޕްރޮގްރާމްގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ލިބުނު ދިވެހި ދަރިވަރުންނާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ. 


މިއީ ޗައިނާއާއި ރާއްޖެއާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ހާމަވެގެންދާ ރަސްމިއްޔާތެއްކަން ފާހަގަކުރައްވާ ވިދާޅުވީ ޗައިނާ ސަރުކާރުން ދިވެހި ދަރިވަރުންނަށް ބެޗްލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީ ހާސިލުކުރުމަށް ދެއްވާފައިވާ ސްކޮލަރޝިޕްގެ އެކި ފުރުސަތުތަކުން ހާމަވެގެންދަނީ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ޗައިނާ ސަރުކާރުން ދެއްވާ އެއްބާރުލުންކަމަށެވެ. 


އެމްއެންޔޫ އަދި އައިޔޫއެމް އިން ޖުމްލަ 32 ދަރިވަރުންނަށް މި ޕްރޮގްރާމްގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމަށް ލިބިފައިވާއިރު، 12 ދަރިވަރުންނަށް ވަނީ ޗައިނާއަށް ޒިޔާރަތްކޮށް، ސަމަރ ކޭންޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ފުރުސަތުތަކާއި މެދު ފަޚުރުވެރިވާކަމާއި މިއީ، ދަރިވަރުންނަށް އިތުރު ސަޤާފަތްތަކަށް އަހުލުވެރިވުމަށް ވެސް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. 


މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާއި އެއްގޮތަށް، މަތީ ތައުލީމު ކުރިއެރުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއްކަމާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ގައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެކަން ވެސް މިނިސްޓަރ ޝަފީއު ވަނީ ފާހަގަކުރައްވާފައެވެ. 


މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރު އަދި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވަންގް ލިޒިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު