ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއަށް ހާއްސަ ސަމާލުކަމެއްދީ: ނައިބު ރައީސް

1 week ago

އަފްރާހް

ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށާއި އަޅުގަނޑުމެން ހަދިޔާކުރާ ލޭފޮދަކީ ތެލަސީމިއާ ކުދިންގެ ދިރިހުރުމުގެ އުއްމީދުކަމުގައި ހަދަން ޖެހޭ ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.


ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ވިދާޅުވީ ތެލެސީމިއާ ކުދިންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެއްބައި ކަމަށާއި އެހެން ކުދީންނެކޭ އެއްފަދައިން އެއްވެސް ތަފާތެއް ނެތި ހުރިހާ ފުރުސަތުތަކެއް އެކުދިންނަށް ވެސް ފަހިވެފައި އޮންނަންވާނެ ކަމުގައެވެ.


އިހުގައި ބައެއް އާއިލާތަކުން، ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވާ މައްސަލަ ސައިންސްގެ އަލީގައި ދެނެގަނެވި، އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވިދާޅުވިއެވެ.


މީގެއިތުރުން ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވެ، އެ ފުރުސަތު ނައްތާލުމަށް، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެއްޖެކަމުގައި ވެސް ނައިބު ވިދާޅުވިއެވެ.


ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ. އޭގެތެރޭގައި ހިދުމަތުގެ ފެންވަރު މަތިކުރުމާ ދެވޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. އަދި ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާ އަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ހިދުމަތް ބައްޓަންކޮށް، ދެވޭ ހިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ތަރައްގީކުރުން ހިމެނެއެވެ.


މީގެއިތުރުން ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމާއި ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފްކޮށް ހިދުމަތުގެ ފެންވަރު ހިފެހެއްޓުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު