ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދައިދިނުމަށް ރައީސްގެ މެނިފެސްޓޯގައި ވަރަށްބޮޑު އިސްކަމެއްދެއްވާ: ނައިބު ރައީސް

1 week ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯއްދަވައިދެއްވުން ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.


ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.


ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފައްޓަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމުގައި ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ދައްކަވަމުން ގެންދެވި އެންމެ މުހިންމު އެއް ވާހަކައަކީ އޭރުގައި އޮތް ސަރުކާރުން ސިއްހީ ނިޒާމަށް ވަމުންއައި އިހުމާލުގެ ވާހަކަ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެން، މި ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްޕުޅު ފައްޓަވާފައިވާކަމުގައި ނައިބު ވިދާޅުވިއެވެ.


ރާއްޖޭގެ ރަށްތައް ބެހިފައި އޮތްގޮތުންނާއި، ދަތުރުފަތުރު ހަމަޖެހިފައިވާގޮތުން ވަރަށް ދަތި އުނދަގުލުގައި، ބަލިތައް ދެނެގަތުމަށް ދަތުރުކޮށްފައި ދުރު ރަށްތަކަށް ދާންޖެހޭ ކަމަށާއި އެހެންކަމުން، ކަމެއް ދިމާވިޔަސް، މާލީ ހާލަތު ތަންދޭގޮތުންވިޔަސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ދަތި އުނދަގޫ ތަހައްމަލުކުރަން ޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ތަހުލީލު ކުރުމަށް އަމިއްލަ ރަށުގައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން އެ ލުއިފަސޭހަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވަމުންދާކަމުގައި ނައިބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު