އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތް ހެދުން އަވަސްކުރުމަށް ޕީއެންސީން އިލްތިމާސްކޮށްފި

6 days ago

އަފްރާހް

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތް ހެދުން އަވަސްކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލްތިމާސްކޮށްފިއެވެ.


ވެރިކަން ކުރާ މައި ޕާޓީން މިފަދައިން އިލްތިމާސްކުރީ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.


އެ ބަޔާނުގައި ވަނީ މި އަހަރުގެ ޖޫން މަހުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަށް ތާއީދުކުރާކަމަށް ބުނެފައެވެ.


އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރުއޮތް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


މީގެއިތުރުން މިއީ ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސް ނިންމަވާފައިވާ ނިންމެވުމެއްކަން ފާހަގަކޮށް، ވީހާވެސް އަވަހަކަށް އެ ނިންމުން ހަގީގަތަށް ހެދުމަށް އެ ކޮމްގްރެސް އިން ވަނީ އިލްތިމާސްކޮށްފައެވެ.


މީގެ އަހަރެއްކުރިން، އިސްރާއިލުން ފަލަސްތީނުގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ރައްޔިތުން ވަނީ ގޮވާލާފައެވެ. އެހެންކަމުން ރައްޔިތުން އެދޭ އެ ބަދަލު ގެނައުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ސަރުކާރުން ވަނީ ހުށަހަޅުއްވާފައެވެ. އެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. 


ކިޔުންތެރިންގެ ހިޔާލު