ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެ

4 months ago

އަފްރާހް

ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެއެވެ.


މިއީ އެފްއޭއެމްގެ ޓެކްނިކަލް އަދި އިދާރީ ބައެއް މަސައްކަތްތައް ކުރާތަނެވެ. އެ ތަނަށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއަދު ހެނދުނުއެވެ.


ފުލުހުން އެތަން ބަލައި، ފާސްކުރަމުން އަންނައިރު، ބޭރުގެ ބައެއް ޖަމާއަތްތަކުން ފޮނުވާ ފައިސާ އަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް އެފްއޭއެމްގެ މައި އޮފީހަށް މިދިޔަ އަހަރު ފުލުހުން ވަދެ، ތަހްގީގަށް ބައެއް ތަކެތި ވަނީ ގެންގޮސްފައެވެ.


މި މައްސަލައިގެ ތަހްގީގު ނިމެންދެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާއިރު، ދައުލަތުން އެދިގެން، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ.


ދައުލަތުން، ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 2 ގައި އަމިއްލަ މީހެއްގެ އެކައުންޓަކަށް ޖަމާކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.


މީގެ އިތުރުން އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައި ވަނީ ވިދާޅުވެފައެވެ.


އެހެންކަމުން މި ދައުވާ ބައްސާމުގެ މައްޗަށް ސާބިތުވެއްޖެނަމަ، އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.


ކިޔުންތެރިންގެ ހިޔާލު