ކެލާގައި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމު ނިމިއްޖެ

4 months ago

އަފްރާހް

ހއ. ކެލާގައި ހިންގި މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމު ނިމިއްޖެއެވެ.


މިއީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި އެރަށު ކައުންސިލް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.


އެރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މޭ 25 ވަނަ ދުވަހުރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.


ކެލާ ޝޭޚް އިބްރާހީމް ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ.


މޭ 03 އިން 23 އަށް ހިންގި މި ޕްރޮގްރާމްގައި އެރަށު އަންހެނުންނާއި، ފިރިހެނުން އަދި ކުޑަކުދިން ހިމެނޭހެން ޖުމްލަ 40 މީހުން ބައިވެރިވެ، 27 މީހުން ވަނީ ޕްރޮގްރާމް ފުރިހަމަކުރައްވާފައެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ މަގްސަދުގައި ހިންގި ޕްރޮގްރާމެކެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމަކީ ވެސް މަގްސަދެކެވެ.


މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ރަންވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްފައެވެ. މިގޮތުން އެޓެންޑެންސް އެވޯޑާއި، މި ޕްރޮގްރާމްގެ މުއްދަތުގައި ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރި އަންހެން ބައިވެރިންގެ ތެރެއިން ތިންވަނަ، ދެވަނަ އަދި އެއްވަނަ ބައިވެރިޔާއާއި، ފިރިހެން ބައިވެރިންގެ ތެރެއިން އެއްވަނައަށް ދިޔަ ބައިވެރިޔާ އަދި ޕްރޮގްރާމްގެ މޮރާލް އެންޑް މޯޓިވޭޓް ބައިވެރިޔާ ހޮވައި، ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާނެވެ.


ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މިފަދަ ޕްރޮގްރާމެއް ހިންގައިދިނުމަށް ތަމްރީނުކުރެވުނު ބައިވެރިންނަށް ކަށިގަނޑާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ވެސް ޝަރަފުވެރި މެހުމާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ.


މި ޕްރޮގްރާމް ފުރިހަމަކުރެއްވި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 ގެ އެކްޓިންގ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް މުޙައްމަދު ރައިހާނެވެ.


މީގެ އިތުރުން ޕްރޮގްރާމުގެ ހުރިހާ ކުލާހަކަށް ގަޑިނުޖެހި ހާޟިރުވި 18 ބައިވެރިންނަށް އެޓެންޑެންސް އެވޯޑާއި، ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކެލާ ކައުންސިލް މެމްބަރު ޚަދީޖާ މަޢުރިފާއެވެ.


މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާއި ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިފާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައިވެއެވެ.


މީގެ އިތުރުން އިންސްޓްރަކްޝަނަލް ޓެކްނިކްސްގެ ބައެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މިފަދަ ޕްރޮގްރާމެއް ހިންގައިދޭނެ 11 ބައިވެރިން ވަނީ ތަމްރީނުކުރެވިފައެވެ.


ކެލާގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފިޒިކަލް ފިޓްނަސް އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު