ކުޅިވަރުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު އަލްމަރްޙޫމް އަހްމަދު ހާފިޒު އަދި އަބްދުއްސައްތާރު ހަސަނަށް

5 days ago

އަފްރާހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024'ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ.


މި ހަފްލާގައި ރައީސް ވަނީ، 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ.


މީގެއިތުރުން 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް' ހާސިލުކުރެއްވި ފާތިމަތު ދީމާ ޢަލީ އަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރެއްވި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤަށް އެވޯޑު ހަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.


'ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް' ޙާސިލުކުރެއްވި މުޙައްމަދު ޝައްފާން އިސްމާޢިލަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި އަޒްނީން ރަޝާދަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރެއްވި ނިބާލް އަޙްމަދަށް ވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސްއެވެ.


އެވޯޑު ހަވާލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ މި ހަފްލާގައި އެންމެ ޝަރަފުވެރި ދެ އެވޯޑު ހާސިލުކުރެއްވި ދެ ބޭފުޅުންނާއެކު ހާއްސަ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ.


މި ހަފްލާގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގެން، ބައެއް ހާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. އަދި ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރާއްވަވާފައިވާ އަދި ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަނީ ވާހަކަ ދައްކަވައިފައެވެ.


'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' އަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިހްތިފާލެވެ.


ކިޔުންތެރިންގެ ހިޔާލު