ވިލިމާލޭގައި އަޅާ ޓަރޝަރީ ހޮސްޕިޓަލުގެ ޓެންޑަރިންގ މަރުހަލާ ޗައިނާ އަށް

5 days ago

އަފްރާހް

ވިލިމާލޭގައި އަޅާ ޓަރޝަރީ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ނިމިއްޖެއެވެ.


ވިލިމާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ނިމި ޓެންޑަރިންގ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުންނެވެ.


މިކަމުގެ ފަހުމުނާމައިގާ ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލީޒިންގއެވެ.


މި ރަސްމިއްޔާތުގައި އައި.ޖީ.އެމް.އެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމްއާއި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޗައިނާ އެމްބަސީގެ އިސްވެރިން އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ހަމަޖައްސައިދިން ހިލޭ އެހީ އެކެވެ.


ދިވެހި ސަރުކާރުން ވިދާޅުވެފައިވަނީ މިއީ ވިލިމާލޭގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ފޯރުކޮއްދެއްވުމަށްޓަކައި އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މިހޮސްޕިޓަލުގެ ސަބަބުން ވިލިމާލޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވި، އެތައް ހާސް ރައްޔިތުންނެއްގެ ދަތި ދިގު ތަކުލީފަކަށް ނިމުމެއް އަންނާނެކަމަށް އުއްމީދުކުރެއްވޭ ކަމަށެވެ.


ސަރުކާރުގެ އުއްމީދަކީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި މަޝްރޫއު ފަށައި، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.


ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ ފަސް އެނދެވެ. އަދި ބަލި މީހުން ބަލާ ތިން ކޮޓަރި ހުރި އިރު ގިނަ ފަހަރު ޑޮކްޓަރަށް ދެއްކުމަށް އަންނަނީ މާލެއަށެވެ.


ވިލިމާލޭގައި މިހާރު 15،000 އެއްހާ މީހުންގެ އާބާދީއެއް އޮތް އިރު، ކުރިއަށް އޮތްތަނުގައި ގުޅީފަޅު އާބާދުވުމާއެކު މި އާބާދީ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.


އެހެންކަމުން ސަރުކާރުގެ އަމާޒަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި އާބާދުވާ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ކައިރިން ލުއިފަސޭހަ ހިދުމަތްތަކެއް ލިބިގެން ދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު