އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ނިންމާލައިފި

4 days ago

އަފްރާހް

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް ގެ 57 ވަނަ ސެޝަންގެ ބައްދަލުވުން ނިންމާލައިފިއެވެ.


މި އަހަރުގެ ސެޕްޓެމްބަރ 9 އިން އޮކްޓޯބަރ މަހުގެ 11 އަށް ކުރިއަށް ދިޔަ އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގައި 37 ޤަރާރެއް ފާސްކޮށްފައިވެއެވެ.


މީގެތެރެއިން 16 ޤަރާރެއް ރާއްޖެއިން ވަނީ ކޯ-ސްޕޮންސާކޮށްފައެވެ. އެގޮތުން އިންޓަނެޓުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ޙިމާޔަތްކުރުމާބެހޭ ޤަރާރާއި، މުޖުތަމަޢުގައި ނުކުޅެދުންތެރިކަމާއި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތައް ހިމެނޭގޮތަށް އިންސާނީ ހައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި އެކަމަށް މަގުފަހިކުރުމާބެހޭ ޤަރާރާއި، ބަޔޯޑައިވާސިޓީ އާއި އިންސާނީ ޙައްޤުތަކާބެހޭ ޤަރާރާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ޙިމާޔަތްކުރުމުގައި ހެޔޮވެރިކަމުގެ ދައުރާބެހޭ ޤަރާރާއި، ލޯކަލް ގަވަމަންޓާއި އިންސާނީ ޙައްޤުތަކާބެހޭ ޤަރާރާއި އަދި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ޙައްޤާބެހޭ ޤަރާރު ހިމެނެއެވެ.


ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ސެޝަންގައި، ތަފާތު ތީމެޓިކް ދާއިރާތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވަނީ ބަޔާންތައް ހުށަހަޅާފައެވެ.


މިއަހަރުގެ ސެޝަންގައި ދިވެހިރާއްޖެއިން 50 ޖޮއިންޓް ސްޓޭޓްމަންޓެއް ކޯ-ސްޕޮންސަރ ކޮށްފައިވެއެވެ. އެގޮތުން، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ނޮން އެލައިންޑް މޫވްމަންޓް (ނާމް) ގެ ބަޔާންތައް ހިމެނެއެވެ. އަދި، ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓަށް ބަހުސްކުރުމުގެ ގޮތުން ބޭއްވި އިންޓަރެކްޓިވް ޑައިލޮގްގައި، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤަޢުމުތަކުގެ ފަރާތުން ދިވެހިރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބަޔާނެއް ހުށަހަޅައިދީފައެވެ.


އިންސާފުވެރި އަދި ހަމަހަމަ މުސްތަގްބަލެއް ހުރިހާ އެންމެންނަށް ފޯރުކޮށްދިނުމަށްޓަކައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް އެކީގައި އަދި ހުރިހާ ޤައުމަކަށްވެސް އެއްބާރުލުންދީގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. އަދި ފަލަސްޠީނުގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައާއި ހަމަނުޖެހުން ހުއްޓާލުމަށާއި، ފަލަސްޠީނަށް އިސްރާއީލުން ކުރިމަތި ކުރަމުންދާ ލާއިންސާނީ ހަމާލާތަކަށް ޖަވާބުދާރީކުރުވުމާއި، އެޤަޢުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮވާލާ ޖޮއިންޓް ސްޓޭޓްމަންޓްތަކެއް ކޯ-ސްޕޮންސަރކޮށް، ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. 


މީގެއިތުރުން އ.ދ. ގެ ރިލީފް އެންޑް ވޯކާސް އެޖެންސީ ފޮރ ޕަލެސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (އަންރުވާ) އުވާލަން ގޮވާލައި އެ އިދާރާއިން ކުރާ މަސައްކަތް ކުށެއްގެގޮތުގައި ކަނޑައެޅުމަށް އިސްރާއީލުން ކުރަމުންގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޖޮއިންޓް ސްޓޭޓްމަންޓެއްވެސް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރކޮށްފައެވެ.


އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. 


މީގެއިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ އ.ދ. ގެ ދާއިމީ މިޝަންގެ ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޟް، ތާރޑް ސެކްރެޓަރީ އާމިނަތު ޝަދާ އިބްރާހިމް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު