2 months ago
ވައިގެ މަގުން ރާއްޖެއައި އިންޑިއާގެ ދެރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 2024 އޮކްޓޯބަރު 15 ވަނަ ދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ ދެފަސިންޖަރުން (އުމުުރުން 41 އަހަރުގެ ފިރިހެނަކާއި، އުމުުރުން 38 އަހަރުގެ އަންހެނެއް) ގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، މިދެފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މި ދެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin)އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.05 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 2,050,000.00 (ދެ މިލިއަން ފަންސާސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.