ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓަކާ ދިމާލަށް

3 days ago

އަފްރާހް

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ނިންމީ މި އަހަރުގެ ބަޖެޓުން ހަރަދުތައް ހަަމަނުޖެއްސޭނެ ކަމަށް ބަލައްވާފައި ކަމަށެވެ.


އެމަނިކުފާނު ވިދާޅުވީ ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅައި، ނިންމާނީ ކެބިނެޓާއި ރައީސް ޑރ. މުއިއްޒުގެ ލަފާ ހޯއްދަވައިގެން ކަމަށެވެ. އަަދި ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.


ވޭތުވެދިޔަ ދެ އަަހަރު ވެސް ވަނީ މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ ހަރަދުތައް ބޮޑުވެގެން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު ވަނީ އެ އަހަރަށް ލަފާކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.


49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރަަށް ފާސްކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރީ ޕީއެސްއައިޕީ އާއި އިންޑިރެކްޓް ސަބްސިޑީ އާއި ދަރަނި އަދާކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު