ސިނަމާލެ ބްރިޖުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް ވަނީ ބަދަލުތަކެއް އައިސްފަ: ޗައިނާ ސަފީރު

3 days ago

އަފްރާހް

ސިނަމާލެ ބްރިޖުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް ވަނީ ބަދަލުތަކެއް އައިސްފައި ކަމުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޝިންގ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ސިނަމާލެ ބްރިޖް މޮނިއުމަންޓް ޕާކު ހުޅުވުމަށް އޮކްޓޯބަރ 19 ވީ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.


ސަފީރު ވަނީ ސިނަމާލެ ބްރިޖު މިމަޝްރޫއާއެކު ދިވެހީންގެ ޔަގީންކަން ތަރައްގީއާއި މެދު އޮތްގޮތް ބަދަލުވިކަން ފާހަގަކުރައްވާފައެވެ. އަދި ކުރިމަގު އުޖާލާވުމުގެ އުއްމީދު އައުވެފައިވާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އެ ބްރިޖަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށާއި ބްރިޖުގެ ސަބަބުން މާލެ ސަރަހައްދު އެއް ފަސްގަނޑަށް ބަދަލުވެ، ވިޔަފާރީގެ ގޮތުންވެސް ބޮޑެތި ބަދަލުތަކެއް ރާއްޖޭގެ އިޤްތިސާދަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.


ސިނަމާލޭ ބްރިޖް މޮނިއުމަންޓް ޕާކުގައި ބްރިޖް ތަރައްގީކުރި ދުވަސްވަރުގެ ފޮޓޯތަކާއި ބްރިޖާއި ގުޅޭ މައުލޫމާތު ހިމެނޭ ފޮޓޯތައް ހިމަނާފައި ވެއެވެ. އަދި އާއްމުންނަށް ފެންނަން ހުންނަ ގޮތަށް ވަނީ ބަހައްޓާފައެވެ.


މީގެއިތުރުން އެ ސަރަހައްދު ފަރުމާކޮށް، ތަރައްގީކޮށްފައިވަނީ އާއިލާތައް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތަކާ ވެސް އެކުގައެވެ.


ބްރިޖް މޮނިއުމަންޓް ޕާކު ހުޅުވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބުއާއި ޗައިނާ ސަފީރު ވާންގ ލިޝިންގއެވެ. 


ކިޔުންތެރިންގެ ހިޔާލު