އައު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރާ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ސިޔާމް

4 months ago

އަފްރާހް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ކަމަށް މަޖިލިސް އިދާރާ އިން ވިދާޅުވެއްޖެއެވެ.


މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ މޭ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ. އައު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުން އޮންނާނީ އަލަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހުއެވެ. އަދި ރައީސާއި ނައިބު ރައީސް ހޮވާ ޖަލްސާ ހެނދުނު 10:15 އަށް ތައާވަލުކޮށްފައިވާ ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޖަލްސާއަށް ހާޟިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ.


އެގޮތުން ސިޔާމް ވަނީ މަޖިލީހުގައި މިހައިތަަނަށް 4 ދައުރު ފުރިހަމަކުރައްވާފައެވެ. އަދި ފަސްވަނަ ދައުރަކަށް ވަނީ އިންތިހާބުވެވަޑައިގެންފައެވެ.


20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު