ހައިކޯޓުން ރައީސް ޔާމީނާ ދެކޮޅަށް އަމުރެއް ނެރެފި

4 months ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިގެން ހައިކޯޓުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް އަމުރެއް ނެރެފިއެވެ.


މިއީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފްރީޒް ކުރި، ރައީސް ޔާމީންގެ އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ނެރުނު އަމުރެކެވެ.


މި އަމުރު ނެރެފައިވަނީ އެމަނިކުފާނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރައްދުވާ ގޮތަށް ބީއެމްއެލް އިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައެވެ. އެއީ އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލައިގައި އެ ބޭންކުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.


އެ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އޭރު ނިންމިނަމަވެސް އެ މައްސަލައިގައި ޖަވާބުދާރީ ވާން ޖެހޭތޯ އުފެދުނު ސުވާލާއެކު ބޭންކުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުއެވެ.


މޭ 26 ވަނަ ދުވަހު ހައިކޯޓުން އަމުރު ނެރުނީ އަޑު އެހުމެއް ނުބާއްވާ، މި މައްސަލައިގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ކަމަށްވާ ހައިކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދުއާއި ފަނޑިޔާރު ފާތިމަރު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އިއްތިފާގުންނެވެ.


ކިޔުންތެރިންގެ ހިޔާލު