ޗައިނާގެ ކުންފުންޏަކުން ހަދިޔާކުރި 44 ޓަނުގެ ފިޔާ ބަހައިފި

6 months ago

އަފްރާހް

ޗައިނާގެ ޗެމްބަރ އޮފް ކޮމަރސް އިން 44 ޓަނުގެ ފިޔާ ބަހައިފިއެވެ.


'ދަ ކޮމޮނާސް' އިން ކުރިއަށްގެންދިޔަ މި ހަރަޖާތާއި ގުޅިގެން އެފަރާތުން ބުނީ ޗެމްބަރ އޮފް ކޮމަރސް އިން ހަދިޔާކުރި ފިޔާ މޭ 26 ވަނަ ދުވަހު ބަހާނިންމާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ފެށި މަސައްކަތް ނިންމައިލީ މިއަދު އިރުއޮއްސުނުއިރު ކަމަށެވެ.


އެ ފަރާތުން ބުނީ ޖުމްލަ 44 ޓަނުގެ ފިޔާ، 7000 އަށް ވުރެ ގިނަ މީހުންނަށް ބަހާފައިވާ ކަމަށެވެ. އަދި މި ފިޔާ ބެހީ ވަކި ފްލެޓެއްގެ ވަކި ބަޔަކަށް ނުބަލައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހައި ރައްޔިތުންނަށް ކަމަށެވެ.


މީގެއިތުރުން މި މަހުގެ 29 ވަނަ ދުވަހު، ސަލާހުއްދީން ސުކޫލުގައި މިފަދަ އިތުރު ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެއެވެ. އަދި އެހެން ސަރަހައްދުތަކުގައި ވެސް ފިޔާ ބެހުމުގެ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެއެވެ.


ދަ ކޮމޮނަރސް އަކީ އާންމުންނާއި ގުޅުންހުރި ކަންކަމުގައި އާންމުންގެ ފަރާތުން ވަކާލާތުކުރަމުންދާ ޖަމްޢިއްޔާއެކެވެ. މި ޖަމިއްޔާގައި ހަހާހަށްވުރެ ގިނަ މެންބަރުން ހިމެނޭއިރު، މި ޖަމިއްޔާ މަޝްހޫރުވެފައިވަނީ ކޮތަރުކޮށި ޖަމިއްޔާގެ ނަމުންނެވެ.


މި ޖަމިއްޔާ އަކީ ރާއްޖޭގައި ބޮޑުވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައިގައި އެންމެ ބޮޑަށް އަޑުއުފުލާ ޙަރަކާތްތެރިވަމުން ދާ ޖަމިއްޔާއެކެވެ.


ކިޔުންތެރިންގެ ހިޔާލު