ވޭޕް އިންފިއުސް މަސްތުވާތަކެތި އަގުހެޔޮކޮށް ރާއްޖޭގަ ބަހަމުންދޭ: އިހުސާން

14 hours ago

ހަންނާން

ވޭޕް އިންފިއުސް މަސްތުވާތަކެތި އަގުހެޔޮކޮށް ރާއްޖޭގައި ބަހަމުންދާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.


މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.


އިހުސާން ވިދާޅުވީ ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ގިނަ ކަންތައްތަކަށް ބެއްލެވުމަށްފަހު ކަމަށާއި އެންމެ ބޮޑު ބިރަކީ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ޖީލެއް ރާއްޖޭގައި އުފެދިދާނެތީ ކަމަށެވެ.


އަދި މަސްތުވާތަކެއްޗަކީ އޭގެ ޒާތުގައި އަގުހެޔޮކޮށް ލިބޭ އެއްޗަކަށް ނުވި ނަމަވެސް، ވޭޕް އިންފިއުސް މަސްތުވާތަކެތި އަގުހެޔޮކޮށް ރާއްޖޭގައި ބަހަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


އިހުސާން ވިދާޅުވީ ވޭޕަށް ދެވިހިފަނީ ނުވައަހަރުގެ ކުދިން ކަމަށާއި އެގޮތުން ވޭޕްތެރެއަށް ލާފައި ކުދިންނަށް އޮޅުވާލައިގެން މަސްތުވާ އެއްޗެހި މިދެނީކަމަށެވެ. އެހެންވީމާ މިއީ އާދަޔާހިލާފު ތަފާތު ޓްރެންޑެއް ކަމަށް އިހުސާން ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ގިނަ ކަންތައްތަކަށް ބެއްލެވުމަށްފަހު ކަމަށާއި މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ޖީލެއް ރާއްޖޭގައި އުފެދިދާނެތީ އެކަމުގެ ބިރަށް ކަމަށެވެ.


މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން އަށް ގައުމަކުން ވޭޕް މަނާކޮށްފައިވާ ކަމަށާއި ހަމައެކަނި 18 އަހަރުންމަތީގެ މީހުން ވޭޕް ކުރުމަކުން ރައީސް އެގޮތަށް އެ ނިންމެވުން ނުނިންމަވާނެ ކަމަށެވެ.


ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކޮށް ވިއްކުން ނޮވެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. 


އޭގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު