ހުރިހައި ދާއިރާއަކުން ވެސް ރާއްޖެއަށް އެއްބާރުލުން ދޭނަން: ސޭޝެލް

4 months ago

އަފްރާހް

ރާއްޖެއަށް ހުރިހާ ދާއިރާއެއްގައި ވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސޭޝެލްގެ ރައީސް ވިވެލް ރަމަކަލަވަން ދެއްވައިފިއެވެ.


އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޓީގާ އެންޑް ބާބިޔުޑާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.


ދެ ގައުމުގެ ރައީސުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ސިޑްސްގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައި، ސިޑްސްގެ ގައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަފުޅުދައްކަވައިފައެވެ. އަދި މި ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ ވާހަކަފުޅު ދައްކަވައި، އަލިއަޅުވައިލައްވާފައެވެ.


މީގެއިތުރުން ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް ވާހަކަފުޅުދައްކަވައި، މިގޮތުން ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި، ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އިންޑިއާ ކަނޑު ސަރަހައްދުގެ ސަލާމަތާއި ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުމާއި، މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ވެސް މަޝްވަރާކުރެއްވިއެވެ.


ދެ ރައީސުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި އެއްބާރުލައިގެން ކުރިއަށް ދިއުމުގެ ރޫހާއެކުއެވެ.


ސިޑްސް 4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ގައުމުތަކަށް، ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް މަގުފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު