ނައިބު ރައީސް، ސަމޯއާގެ ބޮޑުވަޒީރާއެކު މުހިންމު ބައްދަލުވުމެއް

2 hours ago

އަފްރާހް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި ނައިބު ވަނީ ސަމޯއާއިން ދިވެހި ވަފުދަށް ދެއްވަމުންގެންދަވާ ފުރިހަމަ މެހުމާންދާރީއަށާއި މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ކުރައްވާފައިވާ ފުރިހަމަ އިންތިޒާމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.


ނައިބާއި ސަމޯއާގެ ބޮޑުވަޒީރު ވަނީ، ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ދެ ގައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީއާއި ލާސާނީ ޘަޤާފަތްތައް ހިމާޔަތްކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެއޯސިސް)ގައި ސަމޯއާ އިން އަދާކުރައްވަމުން ގެންދަވާ އިސް ދައުރުވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ތިމާވެށީގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމާއި އިގްތިސާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދުގައި ވެސް މަޝްވަރާކުރައްވާފައެވެ.


ނައިބު ސަމޯއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. ރާއްޖެ އާއި ސަމޯއާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 2 އޮގަސްޓު 1993 ގައެވެ.


ކިޔުންތެރިންގެ ހިޔާލު