ގުރައިދޫ މަރުކަޒުގައި ރީއިންޓަގްރޭޝަން ވޯޑު ހުޅުވައިފި

4 months ago

އަފްރާހް

މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގައި ރީއިންޓަގްރޭޝަން ވޯޑުގެ ނަމުގައި ވޯޑެއް ހުޅުވައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވީ މިއީ އެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ސިއްހީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރު ޕްރޮގްރާމްތަކާއެކު ފަރުވާ ފުރިހަމަކުރުމަށްފަހު ޢާއިލާތަކަށް ރުޖޫޢަވުމުގެ ކުރިން، ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ހުޅުވި ވޯޑެއް ކަމަށެވެ.


އަލަށް ހުޅުވި މި ވޯޑު ހާއްސަކުރެވިފައިވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ، މުޖުތަމައަށް ނިކުތުމަށް ތައްޔާރުވެފައިވާ އަންހެނުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.


އެ ވުޒާރާ އިން އިތުރަށް ވިދާޅުވީ މި ވޯޑު ހުޅުވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރު ތަކާއި އާންމު އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ. އަދި މިއީ ބަދިގެއާއި އެކު ބޭނުންކުރެވޭ ގެއެއް ގޮތަށް ފަރުމާ ކޮށްފައިވާ 10 މީހުންގެ ޖާގައިގެ އިމާރާތެއް ކަަމަށެވެ.


ހަމަމިއާއެކު ފިރިހެނުންނަށް ހާއްސަ 14 އެނދުގެ މިފަދަ އެހެން ވޯޑެއް އަންނަ މަހު ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އެ ވުޒާރާ އިން ހާމަކުރައްވައެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަކީ މިވުޒާރާގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް އޯގާތެރިކަމާއެކު، ގާތުން ޚިދުމަތް ފޯރުކޮށްދީ، އެފަރާތްތަކުގެ އުނދަގޫތައް ދެނެގަނެ، އެކަންކަން ޙައްލުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ވުޒާރާއެކެވެ. އެ ވުޒާރާގެ އަމާޒަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.


ބޭންކް އޮފް މޯލްޑިވްސް އިން މި ގެތައް އިމާރާތް ކުރުމަށް ވެދެއްވި އެހީތެރިކަމަށް އެ ވުޒާރާގެ ނަމުގައާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ނަމުގައި ވަނީ ޝުކުރުދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު