މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކުރުން ދިވެހިންނަށް

4 months ago

އަފްރާހް

މާލެ ސިޓީ ކައުންސިލުން، މާލެ ސަރަައްދުގައި ބަލަހައްޓަމުންދާ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތައް ދިވެހިންނާ ހަވާލު ކޮށްފިއެވެ.


'އެކްސް' ގައި އެ ކައުންސިލުން ކުރެއްވި ޕޯސްޓެއްގައި ވަނީ ކައުންސިލުން ހުޅުމާލޭގައި ބަލަހައްޓަމުންދާ 10 މިސްކިތަކާއި މާލޭގައި ބަލަހައްޓަމުންދާ 22 މިސްކިތަކާއި ވިލިމާލޭގައި ބަލަހައްޓަމުންދާ ދެ މިސްކިތެއްގެ މަސައްކަތްކުރާނީ ދެން ކުރާނީ ދިވެހިން ކަމަށެވެ.


މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް 200 އަށްވުރެ ގިނަ ދިވެހިން ހޯދަން އެކައުންސިލުން މީގެކުރިން ކޮށްފައިވާ އިއުލާނަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު 114 ދިވެހިން ހޯދަން ކުރި އިއުލާނަށް ވެސް އެދިފައިވަނީ އެންމެ 14 މީހުންނެވެ.


އެހެންވެ، ތަރުހީބު ދަށްވުމުން ކައުންސިލުން ވަޒީފާގެ އުސޫލަށް ބަދަލު ގެނެސް އެ މަގާމަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ހާއްސަ ކުރުމަށް ނިންމައި، 110 މީހުން ހޯދަން އިއުލާންކުރުމުން 230 މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.


މިސްކިތްތައް ފޮޅާ ސާފުކުރުމަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ދިނުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު މީގެ ކުރިން މާލޭގެ މިސްކިތްތައް ކުރިން ސާފުކުރަމުން އައީ ކުންފުނިތަކާއި ހަވާލުކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު