އޮންލައިން ނޫހަކުން ދޮގު ޚަބަރު ފަތުރާތީ ސަމާލުވުމަށް އެމްއެމްސީން އެދިއްޖެ

1 month ago

ސާއި

އޮންލައިން ނޫހަކުން ދޮގު ޚަބަރު ފަތުރާތީ ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުން (އެމްއެމްސީ) އިން އެދިއްޖެއެވެ.


އެ ކައުންސިލުން ބުނެފައިވަނީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ވެބްސައިޓްތަކުގައި އިޖްތިމާއި މިންގަނޑާ ހިލާފް ކޮންޓެންޓް ހިމަނާކަން ފާހަގަވެފައިވާ ކަމަށެވެ.


އެ ކައުންސިލުން މިފަދައިން ބުނެފައި މިވަނީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ އޮންލައިން ނޫހެއް ކަމުގައިވާ "ދިޔަވަރު" ވެބްސައިޓުގައި ގިނަ އަދަދަކަށް ހަގީގަތާ ހިލާފް ޚަބަރުތައް ފަތުރަމުންދާތީ، އާންމުންގެ ސަމާލުކަމަށް އެކަން ގެނައުމަށް ނެރުނު ބަޔާނެއްގައެވެ.


ކުޑަކުދިންގެ ޒާތީ މައުލޫމާތު ފަތުރާ އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ފަތުރާ ނަމަ އެ ވެބްސައިޓް ބްލޮކް ކުރަން އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.


" ރަޖިސްޓްރީ ނުކުރާ މީޑިއާތަކުން ހަގީގަތާ ހިލާފް ޚަބަރުތައް ފަތުރަމުންދާ ކަމުގެ ޝަކުވާތައް މި ކައުންސިލަށް އަންނަނީ ލިބެމުން. އެގޮތުން މިހާތަނަށް 77 ޝަކުވާއެއް ލިބިފައިވާއިރު، އޭގެތެރެއިން 63 މައްސަލައަކީ "ދިޔަވަރު" ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް." އެ ބަޔާނުގައި ބުނެފައި ވެއެވެ.


މީގެއިތުރުން އެ ވެބްސައިޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން 61 މައްސަލަ އަކީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހުށަހެޅުއްވި ޝަކުވާ ކަމަށާއި އަދި ޕީއެސްއެމް، އެމްއެމްޕީއާރްސީން ވެސް ޝަކުވާ ހުށަަހަޅާފައި ކަމަށް ވަނީ ބުނެފައެވެ.


ލިބުނު ޝަކުވާތަކާ ގުޅިގެން އެމްއެމްސީގެ ޝަކުވާ ކޮމިޓީން ކުރި ދިރާސާއިން އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކޮންޓެންޓަކީ މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދާއި މީޑިއާތަކުން ޢަމަލުކުރަންޖެހޭ އަހްލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔުންތަކެއްކަން އެ ބަޔާނުގައި ވެއެވެ. އަދި މިފަދަ ލިޔުންތަކުގެ ސަބަބުން އާންމުންނަށް ހަގީގަތް އެންގުމުގެ ހައްގާއި، އަބުރު ރައްކާތެރިކުރުމުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއްގެ ގޮތުގައި އެ ކައުންސިލަށް ފާހަގަ ކުރެވޭ ކަަމަށް ވެސް ބަޔާނުގައި ވެއެވެ.


މިފަދަ ވެބްސައިޓްތަކަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ތަންތަން ކަމުން ޝަކުވާތައް ބެލުމުގައި ޢަމަލުކުރާ އާންމު އިޖުރާއަތްތަކަށް ވެސް ޢަމަލު ކުރެވޭ ގޮތެއް ނޯންނަކަން ފާހަގަކޮށް އެމްއެމްސީގެ ބަޔާނުގައި ބުނީ ހަގީގަތާ ހިލާފް ޚަބަރު ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކް ކުރުމަކީ އެ މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމެއް ގޮތުގައި ނުދެކޭ ކަމަށެވެ.


އެފަދަ ފިޔަވަޅުތަކެއް އަޅައިފި ނަމަ ޕްރެސް މީޑިއަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ދާނެ ކަމަށް ވެސް އެމްއެމްސީން ފާހަގަކޮށްފައި ވެއެވެ.


އެހެންނަމަވެސް މި މައްސަލަ ހައްލު ކުރުމަށް ހަގީގަތާ ހިލާފް ޚަބަރު ފަތުރާ ނަމަ އެފަދަ ފަރާތްތަކުގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.


އެކަމަކު އިޖްތިމާއީ މިންގަނޑާ ހިލާފް ކޮންޓެންޓް ފެތުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ އާއި ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް ފެތުރުން ފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ބްލޮކް ކުރުން ހިމަނައި އެކަމާ ގުޅޭ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް އެމްއެމްސީ ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު

އަމާން

ގަޅިން........ކޮން އުސޫލެއް.....ބުލެކްކޮށްލަބަލަ....އެކަން ނިމުނީ.....ތިޔަކަހަލަ ކަންކަން ހުންނާތީ މިހާރު ގިނަ ބަޔަކު އެބުނަނީ ޙައްލަކީ ޢުމަރޭ....ޢުމަރު ނަމަ އެކަމާބެހޭ އޮފީސްތެރެއަށް ވަދެ އެމީހުން ލައްވާ އެނޫސް ބްލެކް ކޮށްފަ އެތަނުން ނުކުންނާނީވެސް....އަދި އެނޫހާދޭތެރޭގަ އަޅަންޖެހޭ އެހެން ފިޔަވަޅުތައްވެސް އަޅާނިންމާނެ.

1 month ago