6 months ago
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިންޑިއަން އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓަރސް (އަޔާޓޯ) ގުޅިގެން ރާއްޖެއާއި އިންޑިއާގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
މި ފަހުމުނާމާއާއި ގުޅޭގޮތުން މަޓާޓޯ އިން ވިދާޅުވީ މައިގަނޑު މަގްސަދަކީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޔަތާއި ގާތް ގުޅުމެއް އުފައްދައި، ދެފަރާތުގެ ކުރިއެރުމަށް މަސައްކަތްކުރުން ކަމަށެވެ.
މީގެއިތުރުން މި ފަހުމުނާމައިގެ ސަބަބުން މަޓާޓޯ އާއި އަޔާޓޯގެ ނެޓްވޯކްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ދަތުރުފަތުރާއި ސަގާފީ ކަންކަމަށް ފުރުސަތުތައް މަގުފަހިކުރުމަށާއި އުފެއްދުމަށް އަދި ދެ ގައުމުގެ މެދުގައި ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު މޭލުދަނޑިއަކަށް ވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މަޓާޓޯ އިން އިތުރަށް ވިދާޅުވީ ޖޮއިންޓް މާކެޓިންގ އިނިޝިއޭޓިވްސް މެދުވެރިކޮށް ބައިލެޓަރަލް ޓޫރިޒަމް ކުރިއެރުވުމާއި ހިދުމަތުގެ މިންގަނޑުތަކާއި އޮޕަރޭޝަނަލް އެފިޝަންސީތައް ރަނގަޅު ކުރުމަށް އެންމެ ރަނގަޅު އުޞޫލުތައް ޙިއްސާކުރުމަކީ ވެސް އަމާޒެއް ކަމަށެވެ. އަދި ގުޅިގެން އިވެންޓްތަކާއި ރޯޑްޝޯ އަދި ފެއާތައް އިންތިޒާމްކުރުމާއި ދެގައުމަށް ވެސް ފައިދާހުރި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތައް ޕްރޮމޯޓްކުރުން ވެސް މަގްސަދުގައި ހިމެނޭކަމަށް ވިދާޅުވެއެވެ.
މި ފަހުމުނާމައިގާ ސޮއިކުރުމަށްފަހު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ، ހިޒް އެކްސިލެންސީ މުނޫ މަހާވަރުއާއި މަޓާޓޯ އިން ބައްދަލުކުރެއްވި ކަމަށާއި މިއަހަރުގެ އޭޕްރިލް 9 ގައި މީގެކުރިން ވެސް މަޓާޓޯ އިން އެމަނިކުފާނާ ބައްދަލުކޮށްފައިވާއިރު، މިއީ ފޮލޯއަޕް ބައްދަލުވުމެއް ކަަމަށް މަޓާޓޯ އިން ބުނެއެވެ.
ކުރިއަށްއޮތް ރޯޑްޝޯއަކީ ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ ބާޒާރަށް ދައްކާލުމަށް ފަރުމާކޮށްފައިވާ، އެންމެ ރަނގަޅު ފްލައިޓްގެ ދަތުރުފަތުރު އޮންނަ މުމްބާއީ، ނިއުދިއްލީ އަދި ބެންގަލޫރުފަދަ ބޮޑެތި ސިޓީތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އިވެންޓެކެވެ.
މި މަޝްވަރާތަކުގައި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމުގައި ރޯޑްޝޯގެ މުހިންމުކަމަށް އަލިއަޅުވާލައި، ފަތުރުވެރިކަމުގެ ގުޅުންތައް އިތުރުކުރުމަށް އެއްބާރުލުން އިތުރުކުރުމާއި، އެންމެ ފައިދާކުރުވަނިވި ގޮތަށް ރޯޑްޝޯ ކުރިއަށްގެންދާނޭގޮތުގެ ތަފްސީލީ ޕްލޭންތަކާއި ދެފަރާތުގެ ވިސްނުމާއި ސަޤާފީގުޅުން ބަދަހިކުރުމާއި، އެއްބާރުލުން ހޯދުމަށް އެއްބަސްވިއެވެ. އަދި ރޯޑްޝޯ ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިއުމަށް އެއަރލައިންތަކާއި ހޮޓަލްތަކާއި ޓްރެވަލް އެޖެންސީތައް ހިމެނޭ ގޮތަށް ސްޓޭކްހޯލްޑަރުންގެ ވާގިލިބުމުގެ މުޙިއްމުކަމަށް ވެސް މަޝްވަރާކުރެވިފައިވާ ކަަމަށް މަޓާޓޯ އިން ވަނީ ބުނެފައެވެ.
މަޓާޓޯ އަކީ ރާއްޖޭގައި ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތް ތަރައްގީކޮށް ކުރިއެރުވުމަށް ޚާއްސަ ޖަމްޢިއްޔާއެކެވެ. އަދި ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ މަސްލަޙަތު ތަމްސީލުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާހުރި ސިޔާސަތުތަކަށް ވަކާލާތުކޮށް، ރާއްޖެއަކީ ފަތުރުވެރިކަމުގައި އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ދަމަހައްޓަން މަސައްކަތްކުރާ މުއައްސަސާއެކެވެ.
އަޔާޓޯ އަކީ މުޅި އިންޑިއާގެ 1،800 އަށް ވުރެ ގިނަ ޓުއަރ އޮޕަރޭޓަރުން ތަމްސީލުކުރާ އިންޑިއާގެ އެންމެމަތީ ޓްރެވަލް ޓްރޭޑްގެ އެއް މުއައްސަސާއެވެ. އެއީ އެގައުމުގައި ފަތުރުވެރިކަން ކުރިއަރުވައި ތަރައްގީކުރުމާއި، މަތީ ފެންވަރުގެ ހިދުމަތެއް ކަށަވަރުކުރުމާއި ޒިޔާރަތްކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ ތަޖުރިބާ ރަނގަޅުކުރުމަށް ބައިނަލްއަގްވާމީ ޕާޓްނަރޝިޕްތައް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެކެވެ.