ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފި

2 months ago

އަފްރާހް

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.


ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެ އައި "އެމް.ޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު, 2024 އޮކްޓޯބަރ 25 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އަށް ލިބުމާގުޅިގެން, ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގައި އެތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. 


މި ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ލޯކަލް ދޯންޏެއްކަމަށްވާ "ހޯކްސް ރޯދި" (ރަޖިސްޓްރީ ނަންބަރު: P9845B-03 02-F) އަށް އަރުވައިގެން ކ.ތިލަފުއްޓަށް ގެނެސް, އެކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރަކަކަށް (ރަޖިސްޓްރީ ނަންބަރު: CC0A C1967) އެތަކެތި އަރުވައިގެން ގެންގޮސް، ބޭލުމުގެ މަސައްކަތް ކޮށްފައިވަނީ ކ. ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށެވެ. އެތަކެތި ބޭލުމަށް މަސައްކަތްކޮށްފައިވަނީ 2024 އޮކްޓޯބަރ 25 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 10:00 އެހާކަށް ހާއިރުއެވެ.


އެތަކެތި ބޭލުމަށް މަސައްކަތްކުރި ބޯޓު ޔާޑުގައި އިތުރު ސިނގިރޭޓް ހުރިކަމަށް ޝައްކުކުރެވޭތީ, ކޯޓު އަމުރެއްގެ ދަށުން މިހާރު ދަނީ އެތަން ބަލައިފާސްކުރަމުންނެވެ. މިހާތަނަށް "ހޯކްސް ބޯޓްޔާޑު" ބަލާފާސްކުރި ކުރުމުން، އެތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ ސިނގިރޭޓު (ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް) ވަނީ ފެނިފައެވެ. މިސިނގިރޭޓްތައް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.


މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްއަކަމަށްވާތީ، މި މައްސަލައިގެ ތަހުގީގު ކަސްޓަމްސް އިން ފަށާފައިވާ ކަމަށާއި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުޙަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން ޢަމަލުކުރާނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނު ތަންފީޒުކުރުމުގައި ކަސްޓަމްސް އިން ފަސްނުޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު