2 days ago
ޚިދުމަތް ޖަމިއްޔާ އާއި އއ. އުކުޅަސްހޯޕްގެ ފަރާތުން ލޭ ހޯދުމަށް ފަސޭހަ އެޕްލިކޭޝަނެއް ތައްޔާރުކޮށްފިއެވެ.
"ހަދިޔާ" ގެ ނަމުގައި ތައާރަފްކުރި މި އެޕްލިކޭޝަނަކީ ރިއަލްޓައިމްގައި ލޭ ހޯދަން ރިކުއެސްޓުކޮށް، އަވަސްކަމާއެކު ޑޯނަރުން ހޯދުމަށް އެހީވެދޭނެ މަންސައެއް ކަމަށް ހިދުމަތް ޖަމިއްޔާ އިނ ވިދާޅުވެއެވެ. އަދި މެސެޖް ގްރޫޕްތަކުގައާއި މީސްމީޑިޔާގައި ލޭހޯދުމަށް ގިނަވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި، މި އެޕްލިކޭޝަން ގައިވާ ރިކުއެސްޓް ފޯރމް ފުރާލުމުން، އެ ހޯވާ ލޭގެ ގްރޫޕުގެ ޑޯނަރުންނަށް ވަގުތުން ނޯޓިފިކޭޝަން ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ޑޯނަރުންގެ ދިގު ލިސްޓު ބަލައި، ނަމްބަރުތަކަށް ގުޅައިގެން ހޯދުމުގެ ބުރަ މަސައްކަތަށް ވެސް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބޭއިރު، ޑޯނަރުންގެ ތެރެއިން އެވަގުތު ލޭދެވޭ ފަރާތްތައް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުނެއެވެ. އަދި އެމަރޖެންސީކޮށް ލޭހޯދާނަމަ އެމަރޖެންސީ ބަޓަން އޮން ކޮށްލެއްވުމުން، އެ ރިކުއެސްޓަށް ޕްރައޯރިޓީ ދެވި، އެންމެ މަތިން ރިކުއެސްޓް ފެންނަން އިންނާނެ ކަމަށް ވެސް ބުނެއެވެ.
"ލޭހަދިޔާ ކުރައްވާ ބޭފުޅެއްނަމަ މިއެޕްލިކޭޝަންގައިވާ ޑޯނަރ ފޯރމް ފުރާލެއްވުމުން، ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރ ވެގެންދާނެ. އަދި އެފަރާތަކަށް ލޭހަދިޔާކުރެވޭ ގްރޫޕްތަކުގެ ރިކުއެސްޓުތައް ފެންނަން ހުންނާނެ."
އެ ޖަމިއްޔާ އިން އިތުރަށް ބުނީ މި އެޕްލިކޭޝަން ތައްޔާރު ކުރެވިފައިވަނީ އެކި ޔޫސަރސްގެ ޑޮނޭޝަން ނުވަތަ ރިކުއެސްޓް ހިސްޓްރީ ވެސް ބަލާލެވޭ ގޮތަށް ކަމަށާއި ލޭ ހަދިޔާކުރުމާ ގުޅުން ހުރި އާރޓިކަލްތައް ވެސް އެޕް މެދުވެރިކޮށް ކިޔައިލެވޭނެ ކަމަށެވެ. އަދި އެންމެ ހާއްސަކަމަކީ، ހަދިޔާ އެޕްލިކޭޝަން ބޭނުންކޮށްގެން ރިވޯޑް ޕޮއިންޓްސް ހޯދައި، އިތުރު ހަދިޔާތައް ވެސް ހޯދޭކަމެވެ.
މިގޮތުން ވިޔަފާރި ކުރައްވާ ފަރާތްތަކުން މި އެޕްލިކޭޝަންގެ މަރޗަންޓްސް ގެ ގޮތުގައި ބައިވެރިވެ، ރިވޯޑް ޕޮއިންޓްތަކަށް ހަދިޔާ ހުށަހެޅޭނެއެވެ. އަދި ސެންޓަރުތަކުގެ ގޮތުގައި ތެލަސީމިއާ ސެންޓަރ އަދި ހޮސްޕިޓަލްތަކުން ވެސް މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ.
މީގެއިތުރުން މި އެޕްލިކޭޝަނުގައިވާ ސްޕީޗް-ޓު-ޓެކްސްޓް ސަޕޯރޓެޑް ބަޓަންސް ފީޗަރގެ ސަބަބުން، ލޯފަން ފަރާތްތަކަށް ވެސް މިއެޕްލިކޭޝަން ބޭނުންކުރުމަށް ފަސޭހަވެގެން ދާނެކަމަށް ހިދުމަތް ޖަމިއްޔާއިން ފާހަގަކުރެއެވެ.
ހަދިޔާ އެޕްލިކޭޝަން ޕްލޭސްޓޯރާއި އެޕްސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. ހިދުމަތް ޖަމިއްޔާ އިން ވަނީ މި އެޕްލިކޭޝަން ވުޖޫދަށް ގެނައުމަށް އެކި ފެންވަރުގައި މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އިހްލާސްތެރިކަމާއި އެކު ޝުކުރުދަންނަވާފައެވެ. ހާއްސަކޮށް ކޯޕް، ބްލަޑް ޑޯނަރސް އެމްވީ، އުކުޅަސްހޯޕް އަދި ތެލެސީމިއާ ސެންޓަރު އަދި ލޭ ހޯދުމުގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތަކަށް ޝުކުރުދަންނަވައެވެ.