3 days ago
އެމް.ޑަބްލިޔު.އެސް.ސީއިން ރާއްޖޭގެ އެކިރަށްރަށުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން 20 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މީގެ ތެރޭގައި ހިމެނެނީ 5 ރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރުމާއި 15 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމެވެ.
މިގޮތުން ފެނުގެ ނިޒާމު ގާއިމްކޮށްފައިވާ ރަށްތަކަކީ، ހއ. މުރައިދޫ، ށ. ފީވައް، ނ. ހެނބަދޫ، ރ. އިންނަމާދޫ، އއ. މަތިވެރި އެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށްފައިވަނީ ހއ. ވަށަފަރު، މާރަންދޫ، ތަކަންދޫ، ހދ. ހިރިމަރަދޫ، ކުމުންދޫ، ށ. ގޮއިދޫ، ނ. މާފަރު، ފޮއްދޫ، ރ. ފައިނު، ބ. ކަމަދޫ، މާޅޮސް، ޅ. އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ. ހިމަންދޫ، ފެރިދޫ އަދި އެންމެ ފަހުރަށް ކަމުގައިވާ ހއ.ވަށަފަރުގެ މަސައްކަތްނިންމާ ކޮމިޝަންކޮށްފައިވަނީ 31 ޑިސެމްބަރު 2024 ގައެވެ.
މިމަޝްރޫއުތަކުގެ ދަށުން، ރަށްރަށުގައި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ގާއިމްކޮށް، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މީގެއިތުރުން ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ގާއިމްކޮށް، ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެން ދާނެއެވެ.
މި 20 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.34 ބިލިއަން ދިވެހި ރުފިޔާއެވެ. ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދިޔަ ހުރިހާ ރަށެއްގެ މަސައްކަތް 2024 ގެ ނިޔަލަށް ނިންމާލުމުގެ އަމާޒަށް ވާސިލުވެވުނީ ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ އެހުރިހާ ފަރާތްތަކަށް މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީނު މުޙައްމަދު ވަނީ ތަހުނިޔާއާއި މުބާރަކްބާދީ އާއި ޝުކުރު ވަނީ ދަންނަވާފައެވެ.
މިމަޝްރޫއުތަކުގެ ސަބަބުން މި ރަށް ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.