2 days ago
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ ހޯމަ ދުވަހު ކަމުގައި މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް މާލެ އާއި މާލެ ކައިރި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވައި ވެސް ގަދަވާނެ ކަަމަށް ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާއި ދެމެުގައި ކަމަށް ވަނީ ބުނެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އެންމެބޯކޮށް ވާރޭ ވެހުނީ މިއަދު ހަވީރު ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެ ވަގުތު 1700 އިންޗިއާއި 1800 އިންޗީގައި 60 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ވެސް ބުނެފައި ވެއެވެ.
އެ އޮފީހުން އިތުރަށް ބުނީ ހުޅުލެއަށް 164 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މާމިގިއްޔަށް 130 މިލިމީޓަރު، ތޮއްޑޫ އަށް 72 މިލިމީޓަރު، ކައްދޫ އަށް 92 މިލިމީޓަރު އަދި ދިއްފުއްޓަށް 61 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.