ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެއް ނިޔާވެއްޖެ

4 months ago

އަފްރާހް

ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެއް ނިޔާވެއްޖެއެވެ.


ނިޔާވެފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ތ. ތިމަރަފުށީ، މިނިވަން އައްސޭރި އާދަމް ޢަލި މަނިކު އެވެ. އެއީ އުމުރުން 83 އަހަރުގެ މީހެކެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޭނުލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް ވަނީ އަންގާފައެވެ. އަދި އޭނާ މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާ ކަމަށާއި އެހެންވެ، މޭ 27 ވަނަ ދުވަހުގެ މެންދުރު 12 ޖެހިއިރު، އެމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަަށް ވަނީ މައުލޫމާތު ލިބިފައެވެ.


މީގެއިތުރުން އެމަޖެންސީގައި ފަރުވާ ދިނުމުން ވެސް ހަރަކާތެއް ނެތުމުން އޭނާ ނިޔާވެފައިވާކަމަށް މެންދުރު 12:30 ހާއިރު ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


އާދަމް ޢަލި މަނިކު ނިޔާވުމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިހާރުވަނީ އޭނާގެ އާއިލާ އަށް އެކަން އަންގާފައެވެ. އަދި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ދިވެހި ފުލުހުންގެ ހިދުމަތަށާއި އެޗްއާރްސީއެމް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ވެސް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު