ރައީސް ޑރ. މުއިއްޒުގެ ހަމްދަރުދީގެ މެސެޖެއް ޕަޕުއާ ނިއުގިނީގެ ބޮޑުވަޒީރަށް

4 months ago

އަފްރާހް

ޕަޕުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.


އެމަނިކުފާނުގެ މެސެޖުގައި މިދިޔަ ހުކުރު ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުން ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރެއްވިއެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތަށް ގެންނަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.


މީގެއިތުރުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ވަނީ ފޮނުއްވާފައެވެ. އަދި އެކުވެރި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ގައުމެއްގެ ގޮތުން، ދިވެހި ރައްޔިތުން ޕަޕުއާ ނިއުގިނީގެ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާކަން ވެސް ހާމަކުރެއްވިއެވެ.


ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި މީހުން ސަލާމަތް ކުރުމުގައި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުސަތެއްގައި ނިމުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވައި، ފުރާނަ ގެއްލުން ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުން ވެސް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު