ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް: ޝާހިދު

1 month ago

އަފްރާހް

އަންނައަހަރުގެ ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.


އެމަނކިފާނު މިފަދައިން ވިދާޅުވީ 2025 ވަނަ އަހަރުގެ ސަރުކާރުގެ ބަޖެޓާއި ގުޅިގެން މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި ވިޔަފާރިތަކުގެ ފައިދާ އަންނަ އަހަރު ދަށްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިގްތިސާދީ ދުވެލި ވެސް ބުރަކި ޖެހޭނެ ކަމަށް ވިދާޅުވިއެވެ.


"ސަރުކާރުން ދަނީ އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް، ސިއްރުވެރި ވަންހަނާ ސިޔާސަތަކަށް ބަދަލުކުރަމުން. ބަޖެޓުގައި އަބަދުމެ ހުންނަ ތަފްސީލުތައް ސަރުކާރުން ވަނީ ފޮރުވާފައި." ޝާހިދު ވިދާޅުވިއެވެ.


މީގެއިތުރުން ބަޖެޓުގެ މުހިއްމު ތާވަލުތައް ގެއްލުވާލައިފައިވާކަން ފާހަގަކުރައްވައި، ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ދެ ބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.


މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފްސީލެއް ބަޖެޓުގައި ނެތް ކަމަށާއި ތަރައްގީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ޚަރަދު ކުރަނީ ކޮން ރަށެއްގެ، ކޮން މަޝްރޫއަކަށް ކަމެއް އެނގޭކަށް ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.


މީގެ ސަބަބުން ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭ ކަމަށާއި ވައްކަމާއި ފަސާދައަށް މި ބަޖެޓު ހުޅުވިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު