އަންނަ އަހަރަކީ އައިޔޫއެމް އަށް ފާގަތި އަހަރަކަށް ވާނެ

1 month ago

އަފްރާހް

2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވަރސިޓީއަށް ފާގަތި އަހަރަކަށްވެގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.


މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުން ދަރިވަރުން ވެސް ތައުލީމް ހާސިލްކުރުމަށް އަންނާނެ ޔުނިވަރސިޓީއަކަށް ހެއްދެވުން ކަމަށެވެ.


ރައީސްގެ މެނިފެސްޓޯގައި އެ ޔުނިވަރސިޓީ އާ ގުޅޭ ވަރަށް ރަނގަޅު ތަސައްވުރެއް އެކުލަވާލެވިފައިވާ ކަމަށާއި މި ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.


ޑރ. ޝަހީމް ވަނީ 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.


މީގެއިތުރުން އިސްލާމީ ޔުނިވަރސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި އެކަމަށްޓަކައި އެ ޔުނިވަރސިޓީގެ އެންމެހާ ވެރިންނަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި އިސްލާމީ ޢިލްމު ފެތުރެއްވުމަށް އައިޔޫއެމް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ފުރިހަމަަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދު ވެސް ދެއްވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު