އދ. އިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ރައީސްގެ ޝުކުރު

4 months ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ބައްދަލުކުރައްވައިފިއެވެ. 


މި ބައްދަލުކުރެއްވުން އޮތީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި މޭ 27 ވަނަ ދުވަހުއެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އދ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އދ ން ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމާއި ބައިނަލްއަޤްވާމީ މުޖްތަމައާއި ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދ އަދާކޮށްދޭ ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.


މިބައްދަލުކުރެއްވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.


މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ އދ ގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި ރާއްޖެއަށް އދ ން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ އުންމީދު ދެ ބޭފުޅުން ވެސް އައުކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު