1 month ago
އެމް.ޑަބްލިޔު.އެސް.ސީން ހއ. މާރަންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.
އެރަށުގައި ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވެ.
މި މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މީގެއިތުރުން ފެން އުފެއްދުމަށްޓަކައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ.
އެރަށުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިންގ ލައިން އަޅައި، ޕަމްޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅާފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މީގެއިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވިގެން ދާނެއެވެ.
މާރަންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 73.98 މިލިއަން ދިވެހި ރުފިޔާއެވެ.
މިމަޝްރޫޢުގެ ސަބަބުން މާރަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.