ދަރަނީގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިކޮށްދޭންޖެހޭ: ރައީސް

4 months ago

އަފްރާހް

ބައިނަލްއަގްވާމީ މުޖުތަމައުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކްރެޑިޓް އިތުރުކުރުމަށާއި ދަރަނީގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިކޮށްދޭންޖެހޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެ މަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައިދެއްވަމުންނެވެ.


ރައީސް ވިދާޅުވީ ދޭދޭ ގުޅުންތައް ޤާއިމުކޮށްފައިވާ ފަރާތްތަކުން، ރިޓްރެކްޓިވް ފައިނޭންސިންގ ހިމެނޭ މާލީ އީޖާދީ ހައްލުތައް އިތުރުކޮށްދޭންޖެހޭ ކަމުގައެވެ. އަދި އ.ދ. ގެ ނިޒާމާއި ބައިނަލްއަޤްވާމީ ތަރައްޤީގެ ޖަމާޢަތްތަކާއި އަމިއްލަ ވިޔަފާރިތަކަށް ހަރަދުކުރާ ފަރާތްތަކުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ޙިއްޞާކުރެވިފައިވާ އަދި، ގުޅި ލާމެހިފައިވާ ވިސްނުމެއް ގެންގުޅެން ޖެހޭކަމުގައި ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ސިޑްސް ޢާއިލާގެ މެންބަރެއް ކަމަށްވާ ޕަޕުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމަށް ކުރިމަތިވެފައިވާ ހިތަށް ގެންނަންދަތި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވައި ވަނީ މެދުއިރުމަތީގައި ރަފާހްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ގޮވައިލައްވާފައެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ކޮށްފައިވާ އަމުރާ އެޤައުމުން ޚިލާފުވަމުންދާކަމުގައި ވެސް ފާހަގަކުރެއްވިއެވެ.


އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްރާއީލުން އެކުރާ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުމުގައި ކޮންފަރެންސްގައި ބައިވެރިވާ ޤައުމުތަކުގެ ވެރިން އެއްބައިވަންތަ ވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު