1 month ago
ގައުމެއް ކުރިއަރައި މި ދަނީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، ކުރަންޖެހޭ މަސައްކަތްތަކަކީ ރައްޔިތުންގެ މަސައްކަތްތަކެއްގެ ގޮތުގައި ދެކިގެން ކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ތަރާރަފުކުރުމަށް ދ. ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ ރަށްރަށުގެ މުނިސިޕަލް ހިދުމަތްތަކުގެ ތެރޭގައި އައިޑީކާޑާއި، ޕާސްޕޯޓް ހިދުމަތް ހިމަނުއްައި، ރަށް ނުވަތަ ރަށާ ކައިރިން މި ހިދުމަތް ލިބުން ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އޯގާތެރިކަން ކަމުގައެވެ. އަދި ރައްޔިތުންނާ ދޭތެރޭ ވިސްނަވާ މިންވަރު ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.
އައިޑީ ކާޑު ހެދުމާއި ޕާސްޕޯޓް ހިދުމަތްތައް އަތޮޅުތަކުން ދެއްވުމުގެ ސިޔާސަތަކީ ރައީސްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑައެޅުއްވި ސިޔާސަތެއް ކަމަށާއި މި ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ގުޅުން ހުރި ވުޒާރާތަކާއެކު ރައީސް ގެންދަވަނީ ވަރަށް ގާތުން މަސައްކަތްޕުޅުކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އައިޑީ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ކުޑަހުވަދޫގައި ފެށިގެން މިދަނީ، އެއަތޮޅު ކައުންސިލްގެ ރައީސާއި، އަތޮޅު ކައުންސިލްގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރާއި، ހޯމް މިނިސްޓްރީއާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ. އަދި އެ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.