މަޖިލީހުގައި ކުރާ ބަހުސްތަކުގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނަންވާނެ: މަޖިލިސް ރައީސް

4 months ago

އަފްރާހް

މަޖިލީހުގައި ކުރާ ބަހުސްތަކުގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގަތުމަށް ފަހު، ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ބަހުސްތަކާއި ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށް ޖާގައޮވެ، ތަފާތު ވިސްނުންތަކަށާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު ލިބެންވާނެ ކަމަށެވެ.


"އެކަންކަމަށް ޖާގަ އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން." އަބްދުއްރަހީމް ވިދާޅުވިއެވެ.


މީގެއިތުރުން 20 ވަނަ މަޖިލީސް އެކުލަވާލެވުނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި އައު ގާނޫނުތައް ތައާރަފުކޮށް މިހާރު ހުރި ގާނޫނުތައް އަލުން ބަލައި، އިސްލާހުކޮށް ވަގުތާއި ފައިހަމަ ނުވާ ގާނޫނުތައް އުވާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.


ހަމަމިއާއެކު މިހާރު ޢަމަލު ކުރަމުންދާ ގަވާއިދުތައް ވެސް ގާތުން ބަލައި، އެއީ ގާނޫނުން ބާރު ލިބިގެން ގާނޫނީ ދާއިރާގެ ތެރެއިން ހަދައިގެން ހިންގާ ގަވާއިދުތަކެއްކަން ކަށަވަރުކުރަންޖެހޭ ކަަމަށާއި ގާނޫނުން ބޭރުން ހުރި ގަވާއިދުތައް ގާނޫނުގެ ތެރެއަށް ވެއްދުން ނުވަތަ ދޫކޮށްލަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް އެމަނިކުފާނުގެ ނަން ހުށަހެޅުއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވާފައެވެ. އަދި މި މަގާމަށް އިންތިހާބުކޮށް ދެއްވުމަށްޓަކައި ވޯޓު ދެއްވި ހުރިހައި މެމްބަރުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު