ބީއެމްއެލް އިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބަހަނީ

4 months ago

ސާއި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބަހަން ނިންމައިފިއެވެ.


މިގޮތަށް ނިންމާފައިވަނީ މޭ 28 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.


އެ ޖަލްސާގައި ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ކަމަށްވާ ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފައެވެ.


ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ އެ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިވޭތުވެދިޔަ 2023 ވަނަ ހޯދުމުގެ ސަބަބުން ކަމަށެވެ.


"މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަދި ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން." ކާރލް ވިދާޅުވިއެވެ.


މީގެއިތުރުން އެ ބޭންކުގައި ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީ، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށް ވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު ޑިރެކްޓަރުންގެ ބޯޑުން ދެއްވި އިރުޝާދާއި ހިއްސާދާރުން ބީއެމްއެލް އަށް ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވަމުން ވަނީ މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާނެ ކަމަށެވެ.


މި ނަތީޖާއާއެކު ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ. 


ކިޔުންތެރިންގެ ހިޔާލު